ކުއްލި ޚަބަރު

އެޗްޑީސީން ކުއްޔަށް ދޫކޮށްފައިވާ ފްލެޓް، ގޯތި، ކޮމާޝަލް ޔުނިޓު އަދި ސިނާއީ ބިންތަކުގެ ކުއްޔަށް ލުއި ދޭން ނިންމައިފި

މަރިޔަމް ޝަހުދާ

1

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)އިން ކުއްޔަށް ދޫކޮށްފައިވާ ފްލެޓް، ގޯތި، ކޮމާޝަލް ޔުނިޓު އަދި ސިނާއީ ބިންތަކުގެ ކުއްޔަށް ލުއި ދޭން އެ ކުންފުނިން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން އާންމުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ އޭޕްރީލް އަދި މެއި މަހު ދައްކަންޖެހޭ އިންސްޓޯލްމަންޓް އަދި ކުލީގެ %30 އަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތަށް ކުލި ނުވަތަ އިންސްޓޯލްމަންޓުގެ %30 އަށް ވާ ފައިސާ ދެއްކުން ފަސްކޮށްދެނީ އެއްބަސްވުމުގައިވާ ފަދައިން ގަވައިދުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށާއި އަދި އެ ފަރާތްތަކުގެ ތެރެއިންވެސް މިކަމަށް އެދި އެޗްޑީސީއަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މިއަހަރު އޭޕްރީލް އަދި މެއި މަހުގެ ކުލި/އިންސްޓޯލްމަންޓު ދައްކާފައިވާ މީހުންގެ ތެރެއިން ކުލި ނުވަތަ އިންސްޓޯލްމަންޓުން %30 ދެއްކުން ފަސް ކުރުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުން މި ދެމަހަށްވާ ފައިސާގެ %30 އަނބުރާ ރައްދުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ފަސްކުރުމަށް ހަމަޖައްސާފައިވާ ދެމަހުގެ އިންސްޓޯލްމަންޓް/ކުލީގެ %30 އެޗްޑީސީއަށް އަނބުރާ ދެއްކުމަށް 12 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅާނީ ކަސްޓަމަރު އެދޭ ގޮތުގެ މަތިން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީއަށް ބަރާބަރަށް ކުލި/އިންސްޓޯލްމަންޓްގެ ފައިސާ ނުދައްކާ ފަރާތްތަކުންވެސް އެކަމަށް އެދި އެޗްޑީސީއަށް ހުށަހަޅައިފިނަމަ ޑެޓް ކަލެކްޝަން ޕޮލިސީގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް އެޗްޑީސީގެ މިބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީން ދޫކޮށްފައިވާ ހައުސިންގް ލޯނުތައް އިސްލާމިކް ސްކީމުތަކަށް ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި މި ސްކީމުގެ ދަށުން ފައިސާ ދައްކަން ޖެހޭ ތާވަލަށް ކޮމްޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ކުރިއަށް އޮތްތާގައިވެސް ކޮވިޑް 19ގެ ހާލަތު އިތުރަށް ރިއާޔަތްކޮށް، އިތުރު ލުއިތަކެއް ފޯރުކޮށްދޭން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟