ކުއްލި ޚަބަރު

ތިނަދޫން ކޮވިޑަށް ޓެސްޓު ކުރި މީހާއާއި ބައްދަލުވި ތުއްތު ދެ ކުއްޖަކު ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގައިފި

މަރިޔަމް ޝަހުދާ

ގދ. ތިނަދޫން ކޮވިޑް 19 އަށް ޓެސްޓު ކުރި މީހާއާއި ބައްދަލުވި ތުއްތު ދެ ކުއްޖަކު ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގައިފިއެވެ.

މާމެންދޫ ހެލްތު ސެންޓަރާއި ހަވާލާދީ މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ދެކުދިން ތިބީ މާމެންދޫގައި ކަމަށެވެ. އަދި ތިން އަހަރުން ދަށުގެ އެ ދެ ކުދިން ކޮވިޑް 19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވަނީ އެކުދިންގެ ކިބައިން އަލާމާތްތަކެއް ފެނިފާއިވާތީ ކަމަށް ޒައީމް ވިދާޅުވިއެވެ. އެ ދެ ކުދިންވެސް ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް ވެސް ޒައީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދެ ކުދިންނާއި ކޮންޓެކްޓުވި ފަސް މީހަކުވެސް ހޯމް އައިސޮލޭޝަނުގައި ތިބި ކަމަށް ޒައީމް ވިދާޅުވިއެވެ. ޒައީމް ވިދާޅުވީ ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން މި ކުދިންގެ ސާމްޕަލް ނެގީ އިއްޔެ ކަމަށެވެ.

ތިނަދޫން ޝައްކު ކުރެވިގެން އެކަހެރި ކުރި މީހާ ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހިފައިވާ 18 މީހަކު ފެނިފައި ވެއެވެ. މީގެ ތެރޭގައި މިއަދު ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހާއާއެކު ޖުމުލަ ތިން ދިވެހިން ހިމެނެއެވެ.