ސަރުކާރުގެ އިދާރާގެ ލިޔުމެއް ނައްތާލެވޭނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މަޝްވަރާކުރެވި، އަރުޝީފުގެ ގާނޫނުގައިވާ އުސޫލުގެ ދަށުން ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ލިޔުންތައް ނައްތާލާ ކަމަށް އިއްޔެ މާރިޔާ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނީ މުހިންމު ލިޔުމެއް ނައްތާލާފައި ނުވާނެ ކަމަށެވެ.
މިއަދު މާރިޔާ ވިދާޅުވީ އެއީ ބޭނުންތެރި ލިޔުމެއްތޯ ނޫންތޯ ނިންމާނީ މިހާރުގެ ސަރުކާރުން ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ އަރުޝީފުގެ ގާނޫނުގައިވާ ގޮތަށް ކަމަށެވެ. އަދި ރައްޔިތުންގެ މެންޑޭޓް ދީފައިވަނީ އިދިކޮޅަށް ކަން ވެސް މާރިޔާ ފާހަގަކުރެއްވިއެވެ.
"އެބޭފުޅުންގެ ތަރުޖަމާނު ވިދާޅުވެފައި އޮތީ ބޭނުންތެރި އެއްވެސް ލިޔުމެއް އެބޭފުޅުން ނައްތާނުލާކަމަށް. ބޭނުންތެރި ލިޔުމެއްތޯ ނޫންތޯ، އެއީ އެބޭފުޅުން ބައްލަވަން ޖެހޭ އެއްޗެއް ނޫން. ގައުމީ އަރުޝީފުގެ ގާނޫނުގައި ވެސް އެ އޮންނަނީ ލިޔުމެއް ނައްތާލަން ވެއްޖެއްޔާ އެކަން ކުރަން ޖެހޭ އުސޫލު. އެހެންވީމަ އެ އުސޫލުގެ ތެރެއިން އެ އޮންނަ ގޮތަކަށް ކުރައްވަން ޖެހޭނީ. އޭގެ އިތުރުން މި ދަންނަވާހެން ރައްޔިތުންގެ ބަސް، ރައްޔިތުންގެ މެންޑޭޓް، މިހާރު ވަނީ އަޅުގަނޑުމެންނަށް ދީފަ،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ ގާނޫނެއް އެބައޮތް ކަމަށާއި އެ މަރުހަލާގައި އިންތިހާބު ކާމިޔާބުކުރި އިދިކޮޅު އިއްތިހާދުގެ ބެލުމެއް ނެތި އެއްވެސް ލިޔުމެއް ނައްތާނުލެވޭނެ ކަމަށެވެ.
"އަދި ވެރިކަން ބަދަލުވުމުގެ ގާނޫނެއް އެބައޮތް އައިސްފަ. އެހެންވީމާ އެ މަރުހަލާގައި އަޅުގަނޑުމެންގެ ބެލުމެއް ނެތި އެއްވެސް ލިޔުމެއް ހަލާކުކޮށް، ނުވަތަ އެ ބޭނުންތޯ ނޫންތޯ ވެސް މި މަރުހަލާގައެއް ދެން އެ ބޭފުޅުންނަށް އެކަމެއް ނުކުރެވޭނެ. އެކަން ކުރެވޭނީ އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ބަޔަކާ އެކީގައި މަޝްވަރާ ކުރެވިގެން، އަދި އަރުޝީފުގެ ގާނޫނުގައި އެ އޮންނަ އުސޫލާ އެއްގޮތަށް،" އޭނާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ 17 ނޮވެމްބަރުގައި އިބޫ ހުވާކުރައްވާ ހަމައަށް ރައީސް ޔާމީން ވެރިކަމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެންވީމާ އެގޮތަށް ރައީސް ޔާމީން ހުންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.