ޓެކްސް އެޕީލް ޓްރައިބިއުނަލް

ސަރުކާރު ބަންދުކޮށްފައިވާތީ ޓެކްސް އެޕީލް ޓެރެބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާން ބާތިލްކޮށްފި

އަލީ ޔާމިން

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް، މިމަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުން ކުރި އިއުލާން ބާތިލުކޮށްފިއެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މި މަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ބާތިލުކޮށް އެކަން އިއުލާން ކުރާކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް އޮފީހުން ފުރަތަމަ ހުޅުވާލި މުއްދަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި ހުސެއިން މުހައްމަދު ހަނީފަށް ރުހުން ނުދިނުމަށް މިމަހުގެ ދެވަނަ ދުވަހު މަޖިލީހުން ނިންމުމާ ގުޅިގެން ރައީސް އޮފީހުން ވަނީ އެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް އަލުން ހުޅުވާލައިފައެވެ. އޭގެ ފަހުން ރައީސް އޮފީހުން ވަނީ އެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ގާނޫނީ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި އެމީހަކީ ބުއްދި ސަލާމަތުން ހުރި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.