ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން މިއަދު އައްޔަނުކުރައްވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަންކުރުމަށްޓަކައި ރައީސް ފޮނުއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އެ މަގާމުތަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައެވެ.
ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެ މެންބަރުން ވަކިކުރުމުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު ބޭފުޅަކު ރައީސް އައްޔަންކުރައްވާފައިވާ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް 13 މީހަކު ކުރިމަތިލިއެވެ.