ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެ މެންބަރުން ވަކިކުރުމާ ގުޅިގެންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މެންބަރުންގެ ނަންތައް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
މީގެ ތެރެއިން ޓްރައިބިއުނަލަށް އައްޔަންކުރަން ބޭނުންވާ ހަތަރު މެންބަރުންގެ ނަން މަޖިލީހުން ފާސްކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
އެކަމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ނަން ފުޅުތައް އިތުރަށް ދިރާސާކުރުމަށް މަޖިލިސް ރައީސް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވައިފައެވެ.