ކޮވިޑް 19

ކޮވިޑް 19 : ވާޖިން ކުންފުނީގެ ބާނީ ރިޗާޑް ބްރޭންސަން ވެސް ވެންޓިލޭޓަރު އުފައްދަން ނިންމައިފި

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 އަށް ފަރުވާދޭން ބޭނުންވާ ވެންޓިލޭޓަރު އުފައްދަން ވާޖިން ކުންފުނިން ވެސް ނިންމައިފިއެވެ.

ވާޖިން ކުންފުނީގެ ބާނީ އަދި ބިލިއަނަރު ރިޗާޑް ބްރޭންސަން ވިދާޅުވީ ވެންޓިލޭޓަރު އުފައްދާނީ އެކުންފުނީގެ ރޮކެޓް ލޯންޗު ޑިވިޝަން، ވާޖިން އޯބިޓުންނެވެ.

އެކުންފުނީގެ ތަރުޖަމާނު ވިދާޅުވީ އުފައްދަން ނިންމާފައިވަނީ އާދައިގެ މެޑިކަލް ވެންޓިލޭޓަރެއް ކަމަށާއި ބޭނުން ވަނީ އަންނަ މަހު ފަށަން ކަމަށެވެ. އަދި ހަފުތާއަކު އެތައް ސަތޭކަ ވެންޓިލޭޓަރު އުފެއްދޭނެ ކަަމަށް ލަފާ ކުރާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ވެންޓިލޭޓަރު އުފެއްދުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުގެ ހުއްދައަށް އެދިފައިވާ ކަމަށާއި މި ވެންޓިލޭޓަރުގެ ޑިޒައިން އެހެން ކުންފުނިތަކަށްވެސް ބޭނުން ކުރެވޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ކެލިފޯނިއާގައި ހުންނަ ވާޖިން އޯބިޓްގައި އުފައްދާ ވެންޓިލޭޓަރުތައް އުފައްދަން ޓެކްސަސް އަދި ކެލިފޯނިއާގައި އުޅޭ ޔުނިވާސިޓީ ކުދިންވެސް ބައިވެރިވާނެ ކަމަށް ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކާރު އުފައްދާ ކުންފުނިތައް ކަމަށްވާ ޖެނެރަލް މޯޓޯސް އަދި ފޯޑްއަށް ވެސް ވެންޓިލޭޓަރު އުފައްދަން އަމުރު ކުރައްވާފައެވެ. ޖެނެރަލް މޯޓޯސް އިން ވަނީ ހަފުތާއަކު 10000 ވެންޓިލޭޓަރު އުފައްދާނެ ކަމަށް ބުނެފައެވެ.