މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 ޖެހިގެން ސްޕެއިންގެ ޕްރިންސެސްއެއް ކަމަށްވާ މާރިޔާ ތެރެސާ އަވަހާރަވެއްޖެއެވެ. މިއީ މި ބަލި ޖެހިގެން ޝާހީ ބޭފުޅަކު އަވަހާރަވި ފުރަތަމަ ފަހަރެވެ.
ޕްރިންސެސް މާރިޔާ އަވަހާރަވި ހަބަރު އިއުލާނު ކުރެއްވީ އެކަމަނާގެ ބޭބޭފުޅު ޕްރިންސް ސިކްޓޯ އެންރިކޭ ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޕްރިންސެސް މާރިޔާ އަވަހާރަވީ ބުރާސްފަތި ދުވަހު ޕެރިސްގައި ކަމަށެވެ. އަވަހާރަ ވީ އިރު އެކަމަނާގެ އުމުރުފުޅަކީ 86އަހަރެވެ. އެކަމަނާއަކީ ސްޕެއިންގެ ރަސްގެފާނު ކިންގް ފިލިޕް ހައެއްގެ ދެބޭންގެ ދެދަދަރި ބޭފުޅެކެވެ.
ޕްރިންސެސް މާރިޔާގެ ޖަނާޒާ ވަނީ ހުކުރު ދުވަހު މެޑްރިޑްގައި ބާއްވާފައެވެ.
އެމެރިކާ އަދި އިޓަލީއަށް ފަހު ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމަކީ ސްޕެއިނެވެ. އެގައުމުގެ 87900އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 7700އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 16700އަށް ވުރެ ގިނަ މީހުން ބަލިން ފަސޭހަ ވެފައި ވެއެވެ.
އިނގިރޭސި ޝާހީ އާއިލާއަށްވެސް ވަނީ ކޮވިޑް19ގެ އަސަރުކޮށްފައެވެ. އެގޮތުން ޕްރިންސް ޗާލްސް ވަނީ މިމަހު 25ގައި ބައްޔަށް ޕޮޒިޓިވްވި ކަން އިއުލާނު ކުރައްވާފައެވެ. ޕްރިންސް ޗާލްސް އަކީ ރާނީ އެލިޒަބަތަށްފަހު، އިނގެރޭސީ ވިލާތުގެ ރަސްގެފާނަށް ވެވަޑައިގަންނަވަން ހުންނެވި ބޭފުޅާއެވެ.