ކޮވިޑް 19އާ ގުޅިގެން ސްރީ ލަންކާގައި ތިބި ދިވެހިންނަށް ރާއްޖޭގައި ތިބި އާއިލާގެ މެންބަރުންގެ ފަރާތުން ކެއާ ޕެކޭޖުގެ ގޮތުގައި ފޮނުވޭނީ އެގައުމުން ލިބެން ނެތް ބޭހާއި ޒަރޫރީ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ލަންކާގައި ތިބި ދިވެހިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ލަންކާގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވޭނެކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކެއާ ޕެކޭޖުތައް ފޮނުވާނީ ލަންކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖައްސާފައިވާ ކާގޯ ފްލައިޓުތަކުގައި ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހަކު ލަންކާއަށް ކާގޯ ފްލައިޓް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި ފޮނުވަން ބޭނުންވާ ތަކެއްޗަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އިއުލާނާއެކު ފޮރިން މިނިސްޓްރީން ވަނީ ކާގޯ ފްލައިޓުގައި ލަންކާއަށް ތަކެތި ފޮނުވުމުގެ އުސޫލެއް ވެސް ނެރެފައެވެ.
އެގޮތުން ލަންކާއަށް ކާގޯގެ ގޮތުގައި ފޮނުވޭނީ ލަންކާއިން ލިބެން ނެތް ބޭހެއް ނުވަތަ އެހެނިހެން ވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށާއި ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ތަކެތި ފޮނުވުމަށް ހާއްސަ ފޯމެއް ތައްޔާރުކޮށްފައިވާނެ ކަމަށާއި އޭގައި ފޮނުވާ މީހާ އަދި ލިބެންވީ މީހާގެ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށެވެ. އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ.
މިނިސްޓްރީން ބުނީ، ހުށަހެޅޭ ފޯމް އެޕްރޫވް ކުރުމަށްފަހު ފޯމް ހުށަހަޅާ މީހާއަށް އީމެއިލް ޒަރީޔާއިން ފޮނުވޭނެ ކަމަށާއި އަދި ތަކެތި ގެންދަންވާނީ ފޮށިގަނޑެއްގައި، އެޕްރޫވް ކޮށްފައިވާ ފޯމާއެކު ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ކޮންމެ ފްލައިޓަކުން ވެސް ކާގޯގެ ގޮތުގައި ގެންދެވެނީ ވަކި އަދަދެއްގެކަމުގައިވާތީ، ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަން ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ގްރޭޓާ މާލެ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00އަށް ކަމަށެވެ. އަދި ތަކެތި ފޮށިގަނޑުގައި ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށްފަހުގައެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެއިން ފޮނުވާ ތަކެތި ލަންކާގެ ކަސްޓަމްސް އިން ކުލިއާ ކުރުމަށްފަހު، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހަވާލުވާނެ ކަމަށާއި އެތަކެތި ލިބެންވީ މީހަކަށް ރައްދު ކުރާނީ ހައިކޮމިޝަން މެދުވެރިވެގެން ކަމަށެވެ.