ސްޓޫޑަންޓް ލޯނު ސްކީމާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާއެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ ހަ މަސް ދުވަހުގެ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މަތީ ތައުލީމު ހާސިލުކުރުމަށް ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްދޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ މިދިޔަ ބުދަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެއީ ކޮވިޑް 19އާ ގުޅިގެން މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމި ފިޔަވަޅެކެވެ.
އެ ނިންމުމާ ގުޅިގެން ބީއެމްއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނޭޝަނަލް ސްޓޫޑަންޓް ލޯނު ސްކީމާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނު ދެއްކުން މި މަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާއިރު އެ ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް ހަ މަސް ދުވަސް އިތުރު ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެ ސްކީމުގެ ދަށުން ނަގާފައިވާ ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުން މަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އަދި އެގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން އެކަމަށް އެދި ހުށަހަޅާކަށް ވެސް ނުޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާއެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެ ކަމަށް ވެސް ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ވަނީ ބީއެމްއެލުން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ނަގާފައިވާ ލޯނުތައް ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ.