ޔުވެންޓަސް

ކޮވިޑް 19 : ރޮނާލްޑޯ ހިމެނޭހެން ޔުވެންޓަސްގެ ކުޅުންތެރިން ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ޔުވެންޓަސްއަށް ގެއްލުންވާނެ ކަމަށް ލަފާކުރެވޭ 90 މިލިއަން ޔޫރޯ ސަލާމަތް ކުރުމުގެ ގޮތުން އެކުލަބުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ ހިމެނޭހެން އެކްލަބުގެ ކުޅުންތެރިން ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމައިފިއެވެ.

ހަތަރު މަހުގެ މުސާރަ ނުނެގުމަށް ނިންމުމުން ޔުވެންޓަސްގެ ކުޅުންތެރިންގެ މުސާރައިން ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އުނިވެގެންދާނެއެވެ.

ޔުވެންޓަސްގެ ކޯޗު މައުރީސޮއޯ ސާރީ އާއި ހުރިހާ ކުޅުންތެރިންވެސް ކުރިއަށްއޮތް ހަތަރު މަހުގެ މުސާރަ ނުނަގާގޮތަށް އެއްބަސްވެފައިވާ ކަމަށް އެކްލަބުން ބުނެއެވެ. އެކުލަބުން މި ނިންމުން ނިންމުމުގެ ކުރިން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޯނާލްޑޯ ވަނީ އޭނާގެ މުސާރަ ކުޑަކޮށްދިނުމަށް އަމިއްލައަށް ހުށަހަޅައިފައެވެ.

މުސާރައިގެ ގޮތުގައި އަހަރަކަށް 30 މިލިއަން ޔޫރޯ ލިބޭ ރޮނާލްޑޯ ހުށަހެޅީ އޭނާގެ މުސާރައިން 3.8 މިލިއަން ޔޫރޯ މަދުކޮށްދިނުމަށެވެ.

ކްލަބަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޔޫރަޕްގައި ކޮވިޑް 19 ފެތުރެމުން އަންނަ މިދަނޑިވަޅުގައި ބޮޑެތި ފުޓްބޯޅަ ކްލަބްތަކަށް ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރަގައިތުމަށް ކްލަބްތަކުން އަންނަނީ މުސާރަ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ބަޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުޅުންތެރިންނާ ސްޓާފުންގެ މުސާރަތައް ކުޑަކުރަން ނިންމާފައިވެއެވެ.

އިޓަލީގައި އޭފްރީލް 30 އާ ހަމައަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މެދުކަނޑާލާފައިވާއިރު ޔުވެންޓަސްގެ ތިން ކުޅުންތެރިޔަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ ބްލައިސް މަޓުއިޑީ އާއި ޑެނިއަލް ރުގާނީ އަދި ޕައުލޯ ޑިބާލާއެވެ.