ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ފަސް ރިސޯޓަކުން ނެގި ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ދި ސްޓޭންޑަޑް ހުރުވަޅި މޯލްޑިވްސް ރިސޯޓާއި ދި ރެޒިޑެންސް މޯލްޑިވްސް އެޓް ދިގުރަށާއި ތާޖް އެގްޒޯޓިކާ ރިސޯޓާއި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓްސް އަދި ފިލިތެޔޮ އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށެވެ.
އެހެންކަމުން އެރަށްތައް މޮނީޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި ރިސޯޓްތަކުގެ ތެރެއިން ހުރުވަޅި އާއި ލަކްސް ނޯތު މާލެ އެޓޯލް ކަރަންޓީނުގެ ހާލަތަށް ގެނައީ އިއްޔެއެވެ. އެގޮތުން ހުރުވަޅިން ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނުނުއިރު ލަކްސް ރިސޯޓުން ބަލީގެ އަލާމާތްތައް ފެނުނީ ދިވެއްސެއްގެ ފަރާތުންނެވެ.
ކޮރޯނާއަށް ޝައްކުވާ އަލާމާތްތަކެއް ހުރި ދެ ދިވެހިން ފެނިގެން ދިގުރަށާއި ފިލިތެޔޮ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހުކުރު ދުވަހުއެވެ.
އެގޮތުން ދިގު ރަށުން ދެ ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތް ފެނުނުއިރު ފިލިތެޔޮ މޮނީޓަރިންގެ ހާލަތަށް ގެނައީ ބިދޭސީއަކާއި ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެންނެވެ.
ތާޖް އެގްޒޯޓިކާ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ ވެސް ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެންނެވެ.