އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގައި މަނާކޮށްފައިވަނިކޮށް މަނަފަރު ރިސޯޓަށް އެރި އެ ރިސޯޓުގެ މުވައްޒަފުގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ގާނޫނު ނަންބަރު:7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު)އިން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު އިއްޔެ "ވަން"އަށް ވިދާޅުވީ، ހއ. މަނަފަރު ކޮވިޑް 19 އާ ގުޅިގެން ރަށްރަށުން ރިސޯޓުތަކަށް އެރުން މަނާކޮށްފައި ވަނިކޮށް، ހއ މަނަފަރު ރިސޯޓަކަށް މުވައްޒަފަކު އެރި މައްސަލައިގެ ތަހުގީގު ނިންމައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް މިމަހުގެ 20 ވަނަ ދުވަހު ހއ. އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އަރާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 7:49 ހާއިރު 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާކޮށްފައެވެ.