މިހަފުތާގެ ބުރާސްފަތި ދުވަހު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމުންނަށް ހިދުމަތްދޭ ގަޑިތައް އިއުލާނުކޮށްފި އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތް ނަމަވެސް ވަކި ގަޑިތަކެއްގައި އެމްއެމްއޭއިން ދެމުން އަންނަ ހިދުމަތް މެދު ނުކެނޑި ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މިހަފުތާގެ ބުރާސްފަތި ދުވަހު އެ ބޭންކުން ދޭ (ބޭންކިންގެ ހިދުމަތް) ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ހެނދުނު 09:30 އިން 12:30 އަށް ދޭން ނިންމާފައިވާއިރު ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށް އެމްއެމްއޭއިން ބުނެވެ.
މީގެ އިތުރުން ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ. ލިޔެކިޔުންތައް ފޮނުވުމަށް ހާއްސަކޮށްފައިވާ މެއިލް އަކީ؛ [email protected] އެވެ.