މިއަދު ހެނދުނު 10:00އާއި ހަމަޔަށް ވަޒީފާގެ އެކި މައްސަލަތަކާއި ގުޅިގެން ޖޮބް ސެންޓަރަށް ހުށަހަޅާފައި އޮތީ 219 މައްސަލައެއް ކަމަށް ކޮވިޑް 19ގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު މިހެން ވިދާޅުވީ ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު އަންގާފައިވާ އެންގުމަކާ ގުޅުވައިގެންނެވެ. އެގޮތުން ލޭބާ ރިލޭޝަނުން މިއަދު އާންމު ކުރި އެންގުމެއްގައި އެ އޮތޯރިޓީގެ ސަމާލުކަމަށް އެމްޕްލޯޔަމަންޓް އެކްޓާ ހިލާފު ކަންކަން ހުރި މައްސަލަތައް އައިސްފައިވާކަން ފާހަގަކޮށްފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. މަބުރޫކު ވިދާޅުވީ މި މައްސަލަތައް އެ އޮތޯރިޓީން ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެމްޕްލޯޔަރުން ނަގާފައިވާ ހުރިހާ ނިންމުމެއް އަންނަ މަހު 15ގެ ކުރިން ލޭބާ އޮތޯރިޓީއަށް ފޮނުވުމަށް އަންގާފައިވާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. މަބުރޫކު ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ދިނުމަށް ނިންމާފައިވާ ސްޓިމިއުލަސް ޕެކޭޖުތައް ނުވަތަ އެހީވުމުގެ ގޮތުން އުފެދިފައި ހުރި ފެސިލިޓީތައް ބޭނުންކުރުމުގައި އިސްކަންދެވޭނީ އެމްޕްލޯޔަމަންޓް އެކްޓާ ހިލާފު ނުވާ ކުންފުނިތަކަށް ކަމަށެވެ.
މަބުރޫކު ވިދާޅުވިގޮތުގައި ވަޒީފާގެ މައްސަލައެއް އުޅޭ ނަމަ ވީހާވެސް އަވަހަށް ޖޮބް ސެންޓަރު މެދުވެރިކޮށް އެކަން އެންގުމަށެވެ.