ކުއްލި ޚަބަރު

ކޮވިޑް 19 : 139 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ: މަބްރޫކު

މަރިޔަމް ޝަހުދާ

ކޮވިޑް 19އަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 139 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ކޮވިޑް 19ގެ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަބުރޫކު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޓެސްޓުކޮށްފައިވަނީ 1089 ސާމްޕަލް ކަމަށެވެ. އޭގެ ތެރެއިން 17 ސާމްްޕަލް ޕޮޒިޓިވްވެފައިވާ ކަމަށާއި ނެގަޓިވްވެފައިވަނީ 933 ސާމްޕަލް ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބޭ 139 ސާމްޕަލްއެއް އުޅޭ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ތިބި މީހުންނަށް ބަލާއިރު ވެލިދޫގައި ތިބީ 17 މީހެއް ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބީ ތިން މީހެއް ކަމަށް މަބުރޫކު ވިދާޅުވިއެވެ. މީގެ އިތުރުން 867 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މިވަގުތު މޮނީޓަރިންގެ ހާލަތުގައި ތިބީ ބޯޓުތަކެއް ކަމަށް މަބުރޫކު ވިދާޅުވިއެވެ. އެއީ ހަތަރު އުޅަނދެކެވެ. މީގެ އިތުރުން ކުރިން މޮނީޓަރިންގެ ހާލަތުގައި ހުރި ރިސޯޓުތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ފްލޫ ކްލިނިކުތަކާ ގުޅޭގޮތުން މަބުރޫކު މައުލޫމާތު ދެއްވިއެވެ. އެގޮތުން ފްލޫ ކްލިނިކާއި، ޓްރެވަލް ކްލިނިކާއި، ބިދޭސީންނަށް ހާއްސަ ކްލިނިކް އަދި އޮންލައިން ފްލޫ ކުލިނިކްތަކުން މިދިޔަ 24 ގަޑިއިރު ތެރޭ ޖުމްލަ 255 މީހަކު ހިދުމަތް ހޯދާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މި ތަންތަން ފެށުނީއްސުރެ މިހާތަނަށް މިތަންތަނުން ހިދުމަތް ހޯދާފައިވަނީ ޖުމްލަ 4868 މީހުން ކަމަށް މަބުރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 17 މީހަކު މި ބައްޔަށް ޕޮސިޓިވްވެފައި ވާއިރު ދެމީހަކު ފިޔަވައި މި ބައްޔަށް ޕޮސިޓިވްވެފައިވަނީ ހުސް ބިދޭސީންނެވެ. މީގެ އިތުރުން ކޮވިޑް 19 އަށް ޕޮޒިޓިވްވި 15 ބިދޭސީންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮސިޓިވްވިކަން އެނގިފައިވަނީ އެ ދެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ދެމުން އަންނަނީ ބައްޔަށް ޕޮޒިޓިވްވި ދެ ދިވެހިންނެވެ.