ހުޅުލެ އައިލެންޑް ހޮޓެލް، (އެޗްއައިއެޗް)އިން އެހެން ތަންތަނަށް ބަދަލު ކުރި މީހުން އިތުރު 14 ދުވަހު ކަރަންޓީނު ކުރުމަށް ނިންމައިފި ކަމަށް ކޮވިޑް 19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
މަބުރޫކް ވިދާޅުވީ އެމީހުން ކަރަންޓީނުގެ މުއްދަތު ގުނާނީ އެޗްއައިއެޗުން ގެންގޮސް އެހެން ތަނެއްގެ ކަރަންޓީނުގައި ބެހެއްޓި ދުވަހުން ފެށިގެން ކަމަށް ނިންމާފައިވާ ކަމަށެވެ.
އެޗްއައިއެޗުގައި ތިބި މީހުން އެހެން އެހެން ތަންތަނުގެ ކަރަންޓީނަށް ގެންދިޔައީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެމީހުން އެޗްއައިއެޗުގެ ކަރަންޓީނުގައި ތިބި މުއްދަތު ނުގުނަން އެޗްޕީއޭއިން ނިންމީ އެހެން ތަންތަނަށް ގެންދިއުމުގައި އެއް އުޅަނދެއްގައި އެއްކޮށް އެންމެން ގެންގޮސްފައި ވާތީ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުބެލެވޭތީ ރައްކާތެރިކަމުގެ ގޮތުން ކަރަންޓީނުގެ މުއްދަތު އަލުން ގުނަން ފަށާގޮތަށެވެ.
ކޮވިޑް 19 ދުނިޔޭގައި ބާރަށް ފެތުރެމުންދާއިރު، ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ އަދަދަކީ 17 އެވެ. އޭގެ ތެރެއިން ދެމީހަކު ބައްޔަށް ޕޮޒިޓިވް ވި ކަން އެނގުނީ އެދެމީހުން އެނބުރި ގައުމަށް ދާން ފްލައިޓުގައި ތިއްބަ އެވެ. މި ބައްޔަށް ރާއްޖޭން ޕޮޒޮޓިވްވި މީހުންގެ ތެރެއިން ދެ ދިވެހީން ފިޔަވައި އެހެން އެންމެން ވަނީ ބަލީން ރަނގަޅު ވެފަ އެވެ. އެ ދެ ދިވެހީންގެ ހާލުވެސް ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.