ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދެ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ޑރ. މުރާދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން މިހާރު ރާއްޖޭގައި ތިބީ ކޮވިޑަށް ޕޮސިޓިވް ދެމީހުން ކަމަށާއި މި ދެމީހުންނަކީވެސް ދިވެހިން ކަމަށް ޑރ.މުރާދު ވިދާޅުވިއެވެ. މި ދެމީހުންވެސް މިހާރު ތިބީ ވެލިދޫ ފެސިލިޓީގައި ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ކުރިން ކޮވިޑް 19 އަށް ޕޮސިޓިވްވެ، މިހާރު ރަނގަޅުވެފައިވާ މީހުންނާއި، މި ބަލިން ރަނގަޅު ނުވާ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި މިހާތަނަށް އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިނުވާ ކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ ހުސް "އިމްޕޯޓަޑް" ކޭސަސްތަކެއް ކަމަށް ޑރ. މުރާދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ކޮމިއުނިޓީ ސްޕްރެޑްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް ސަލާމަތީ ކަންކަން ކުރަމުން އަންނަނީ ރާއްޖެއަށް އޮތް ރިސްކު ކުޑަވެއްޖެ ކަމަށް ބަލައިގެން ނޫން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 އަށް 17 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދެމީހުންނެވެ.