ސްރީލަންކާގައި ތިބި ދިވެހިންނަށް ރާއްޖޭގައި ތިބި އާއިލާގެ މެންބަރުންގެ ފަރާތުން ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މި ނިންމުމަކީ ލަންކާގައި ތިބި ދިވެހިންނަށް ފަސޭހަ ކޮށްދިނުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
އެގޮތުން ލަންކާގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވާނީ ލަންކާއާއި ރާއްޖެއާ ދެމެދު ސަރުކާރުން ދަތުރު ކުރާ ކާގޯ ފްލައިޓުތަކުން ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލުތައް މާދަމާ އާންމުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެނީ އަވައްޓެރި ލަންކާގަ އެވެ. އެ ގައުމުގައި 15000 ވަރަކަށް ދިވެހީން ދިރިއުޅެއެވެ. އެގައުމުގައި ކާފިއު އިއުލާނުކޮށްފައި އޮތުމުގެ ސަބަބުންނާއި، ކާފިއު އުވާލާ ވަގުތުތަކުގައި ވެސް ފިހާރަތަކުގައި ދިގު ކިޔުތައް އޮންނާނީ، ދިވެހީންނަށް ވަނީ ޒަރޫރީ ބޭނުންތަކަށް ގަންނަން ޖެހޭ ތަކެތި ގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފަ އެވެ.