ކޮވިޑް 19

އިނގިރޭސިވިލާތުގެ ގިނަ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދެވިއްޖެ: ސަފީރު

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ގިނަ ފަތުރުވެރިން މިހާރު އަނބުރާ އެގައުމަށް ގެންގޮސް ނިމިއްޖެ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރަން ރޮހްސްލާ، ވިދާޅުވެއްޖެއެވެ.

ރޮހްސްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ގިނަ ފަތުރުވެރިން މިހާރު ގައުމަށް ގެންދެވިފައިވުމުން ބްރިޓިޝް އެއާލައިނުން ރާއްޖެއަށް ކުރަމުންދިޔަ ޝެޑިއުލް ދަތުރުތައް މިވަގުތަށް ހުއްޓާލައިފައިވާ ކަމަށެވެ.

ނަމަވެސް ގައުމަށް ނުދެވި އިތުރު ބަޔަކު ތިބި ނަމަ ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ރަޖިސްޓްރީ ވުމަށް މެސެޖް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ. ބްރިޓިޝް އެއާލައިންގެ ދަތުރުތައް ހުއްޓާލުމުން ގަތަރު އެއާލައިން މެދުވެރިކޮށް ދެން ތިބި ފަތުރުވެރިންނަށް އަނބުރާ ގައުމަށް ދެވޭނެ އިންތިޒާމު ހައިކޮމިޝަނުން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި ތިބި ގިނަ ފަތުރުވެރިން މިހާރު އަނބުރާ ގައުމަށް ގޮސްފައިވާއިރު ޔޫރަޕުގެ ހުރިހާ ފަތުރުވެރިން އެމީހުންގެ ގައުމަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވެސް ވަނީ ބުނެފައެވެ.