ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުގައި، ދިގު މުއްދަތަކަށް ބޭސްކާ މީހުންނަށް އާސަންދަ ސްކީމް ފޯރުކޮށް ނުދޭ ފާމަސީތަކުން ވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އާސަންދައިން މައުލޫމާތު ދިން ގޮތުގައި އާސަންދަ ސްކީމުގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުން މި ހިދުމަތް ފޯރުކޮށްދޭން ފެށީ ހުކުރު ދުވަހުއެވެ.
ދިގު މުއްދަތަށް ބޭސް ކާން ޖެހޭ މީހުންނަށް ޑޮކްޓަރަށް އަލުން ނުދައްކައި އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނު ކުރީ މީ މިމަހު 16 ގައެވެ. އޭގެ ފަހުން ސަރުކާރުން ވަނީ އެސްޓީއޯ އަދި އޭޑީކޭގެ ފާމަސީތަކުން ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދީފައެވެ.
ބޭން ނަގަން ބޭނުންވާ މީީހުން ބޭސް ނަގަން ދާން ޖެހޭނީ ބޭސް ސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވެފައި ނުވާ، އެންމެ ފަހުގެ ބޭސް ސިޓީ ހިފައިގެން ކަމަށް އާސަންދައިން ބުނެއެވެ. އަދި އާސަންދަ ސްކީމުގެ ހިދުމަތްދޭ ބޭރު ހޮސްޕިޓަލެއްގެ ބޭސް ސިޓީއެއް ނަމަ ބޭސް ނެގޭނީ ހަމަސް ވެފައި ނުވާ އެންމެ ފަހުގެ ބޭސް ސިޓީން ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީއަށް ބޭސް ހޯދަން ހުށަހަޅަން ޖެހޭނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި ދިގު މުއްދަތަކަށް ފަރުވާ ކުރާ ބައްޔަކަށް ދޫކޮށްފައިވާ މި އުސޫލުން ބޭސް ދޫނުކުރާނެ ކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިން މައުލޫމާތު ދިން ގޮތުގައި ބޭސް ސިޓީގެ އިތުރުން ބޭސް ނަގަންދާއިރު ބަލިމީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ އެވެ.