ކުއްލި ޚަބަރު

61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި، ހައްޔަރުކުރި 11 މީހުންގެ މައުލޫމާތު އާންމުކޮށްފި

އަލީ ޔާމިން

1

ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި، ހައްޔަރުކުރި 11 މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 20 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންޑް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާލެ/ ގ. ބޮއިލިން ފިޝް، އަހުމަދު ވިސާމާއި އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާ ކަމުގެ މައުލޫމާތު ލިބިގެން މަސްތުވާތަކެތި ބަލާދިޔަ ކަމަށް ތުހުމަތުކުރެވޭ އިރުއަލިމަސް ދޯނި ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި މާލެއިންނާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުން:

  • އަހުމަދު ވިސާމް، ކ. މާލެ/ މ. ބޮއިލިންފިޝް
  • މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
  • މުހައްމަދު މާއިޝް، ކ. މާލެ/ މ. މާކޮޅު
  • މުހައްމަދު ޝާމިން، ކ. މާލެ/ މއ. ވިރާހު
  • އަހުމަދު ސިފާޒް، މާލެ/ހުޅުމާލެ ފްލެޓް ނަންބަރު 06-ޖީ-4
  • އަބްދުﷲ ޝާމް. ކ. މާލެ/ މއ. ބޯޅަކިންކިރިމާގެ
  • ހުސެއިން ސުނާޒު، މ. މުލި/ ސޯސަންވިލާ
  • ސައުދުﷲ ރަޝީދު، ކ. މާލެ/ މ. ކެޕްރިކޯން
  • މުހައްމަދު ނަޝީދު، މ. މުލި/ ހުދުފިނިފެންމާގެ
  • މުހައްމަދު މާއިދު، މ. ކޮޅުފުށި/ އޯޝަންވިއު
  • މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/ މުޝްތަރީގެ

މި މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމުގައި ފުލުހުން ބުނެއެވެ. އެގޮތުން އަހުމަދު ވިޝާމަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ރެކޯޑް އޮންނަ މީހެވެ. އަދި މުހައްމަދު ހަމީދަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ޓްރެފިކްކުރުމުގެ އިތުރުން ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ. މައްސަލައިގައި ހައްޔަރުކުރި މުހައްމަދު މާއިޝްއަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ޓްރެފިކްކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެވެ. މުހައްމަދު ޝާމިންއަކީ މަސައްކަތަށް ހުރަސް އެޅުމާއި، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު ޝިފާޒަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ފޭރުމާއި ހެކި ނައްތާލުމުގެ ރެކޯޑް އޮންނަ މީހެވެ. އަބްދުﷲ ޝާމަކީ ވައްކަމާއި މަސްތުވާތަކެތި ގެންގުޅުމާއި މާރާމާރީގެ ރެކޯޑް އޮންނަ މީހެކެވެ. ހުސެއިން ސުނާޒަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެވެ. ސައުދުﷲ ރަސީދަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެވެ.

މުހައްމަދު ނަޝީދަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ބިރުދެއްކުމާއި، ބަނގުރާ ބޭނުންކޮށް ގެންގުޅުމާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ. މުހައްމަދު މާއިދަކީ ވައްކަމާއި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން ފޭރެން އުޅުމުގެ ރެކޯޑް އޮންނަ މީހެވެ. އަދި ރިޝްވާން އިބްރާހިމަކީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ރެކޯޑް އޮންނަ މީހެވެ.

ފުލުހުން ބުނީ މިމަހުގެ 26 ވަނަ ދުވަހު މި މީހުން ހައްޔަރުކުރެވި، ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް އެދުވަހު ދިހަ ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ހައްޔަރުކުރެވުނު 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުން ކަމަށާއި އަނެއް ހަތަރު މީހުންނަކީ މާލެއާއި ހުޅުމާލެއިން ހައްޔަރުކުރެވިފައިވާ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟