ކުއްލި ޚަބަރު

ކޮވިޑް 19 : ސަފާރީއަކުން ކުނަހަންދޫއަށް ފޭބި ދެ މީހަކު ހައްޔަރުކޮށްފި

ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުމާ ހިލާފަށް ލ. ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން އެރަށަށް ފޭބި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ކުނަހަންދޫ ކައިރީގައި އޮތް ސަފާރީ އަކުން ދެ މީހަކު އެރަށަށް ފައިބާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 10:14 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު 39 އަހަރާއި 37 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ގަން ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެޅި ފިޔަވަޅުތަކުގެ ތެރެއިން ރިސޯޓްތަކަށް ދަތުރު ކުރުމާއި އަރައި ފޭބުމުގެ އިތުރުން ޓޫރިސްޓުން ރަށްރަށަށް ގެންދިއުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން އެކްސްކާޝަންއަށް ރަށްރަށަށް ދިއުން ވެސް މަނާކޮށްފައިވެއެވެ.