ކޮވިޑް 19

އެއް ރިސޯޓުގެ މުވައްޒަފުން އަނެއް ރިސޯޓަށް ބަދަލެއް ނުކުރެވޭނެ: މަބްރޫކު

އިބްރާހިމް ޒަކީ

ޅ. ކުޑަދޫ ރިސޯޓުގެ މުވައްޒަފުން ހުރަވަޅި ރިސޯޓަށް ބަދަލުކުރަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރެމުންދަނިކޮށް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ހުރަވަޅި އާއި ކުޑަދޫ އަކީ އެއް މެނޭޖްމެންޓެއްގެ ދަށުން ހިންގާ ދެރިސޯޓެވެ.

ކައިރި ކައިރީގައި އޮންނަ ދެ ރިސޯޓްކަމުން މި ދެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނަކީވެސް މަސައްކަތުގެ ގޮތުން ދެ ރިސޯޓު ދޭތެރޭގައި އާންމުކޮށް ދަތުރު ކުރަން ޖެހޭ ބަޔެކެވެ.

ނަމަވެސް މިހާރު ކުޑަދޫ ރިސޯޓުގެ މެނޭޖުމަންޓުން އެތަނުގެ މުވައްޒަފުން، ހުރަވަޅިއަށް ބަދަލުވާން އަންގާފައިވާކަމަށް ވަނީ ވާހަކަ ދެކެވެން ފަށައިފައެވެ.

މިކަމާގުޅިގެން، ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްފައި ނޫސްވެރިއަކު މަބްރޫކަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، އެއްވެސް ރިސޯޓެއްގެ މުވައްޒިފުން އަނެއް ރިސޯޓަށް ބަދަލުވުމަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި، ހުއްދަ ދީފައިވަނީ ފަތުރުވެރިން ބަދަލު ކުރުމަށް ކަމަށެވެ.

ބައެއް ހަބަރުތަކުން ބުނެފައިވަނީ، ކުޑަދޫގެ ގިނަ މުވައްޒަފުން ހުރަވަޅިއަށް ދާން ޖެހިލުންވާކަމަށް ދަނީ ބުނަމުންނެވެ.

އެއީ އެރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ވަންދެން މުވައްޒަފުން ރިސޯޓުގައި މަޑުކުރަން އަންގަފައިވާތީ އެވެ.

މިއަދުގެ ނިއުސްކންފަރެންސްގައި މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އައިސޮލޭޝަންގައި 23 މީހުން އަދި ކަރަންޓީންގައި 860 މީހުން އެބަތިބި ކަމަށެވެ.

އޭގެތެރޭގައި ވެލިދޫ އައިސޮލޭޝަންގައި 20 މީހުން އެބަތިބި ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި، ކޮވިޑް 19 އަށް ފަރުވާދޭ މީހަކާއެކު ތިންމީހުން އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ވިލިވަރު ކަރަންޓީން ފެސިލިޓީގައި، 16 މީހުން، ފަން އައިލެންޑް ގައި 64 މީހުން، ބިޔާދޫ ގައި 48 މީހުން، އަދި ކުޑަބަނޑޮހުގައި 113 މީހުން، ދިއްގިރީގައި 32 މީހުން ހޮލިޑޭ އައިލެންޑް ގައި، 149 މީހުން، އެނބޫދޫ އައިސޮލޭޝަންގައި 78 މީހުން އެބަތިބި ކަމަށެވެ.

މީގެ އިތުރުން ރޮޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީގައި 191 މީހުން މަޑިވަރު ފެސިލިޓީގައި 99 މީހުން އެރިޔަދޫ ފެސިލިޓީގައި 70 މީހުން އެބަތިބި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކޮވި 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މިހާތަނަށް 908 ސާމްޕަލެއް ރާއްޖެއިން މިހާތަނަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވީ 17 މީހެކެވެ. އޭގެ ތެރޭގައި ރާއްޖޭން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެމީހުން ވެސް ހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.

ރާއްޖޭން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދެ ދިވެހިން ވެސް ހިމެނެއެވެ. އެ ދެމީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި ދެމީހުންނެވެ.