ކޮވިޑް 19

ދެ ސާމްޕަލެއް ނަގައި ރ. ހުރަވަޅި ކަރަންޓީނަށް ގެނެސްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ދެ ސާމްޕަލެއް ނެގުމަށްފަހު ރ. ސްޓޭންޑަޑް ހުރަވަޅި ރިސޯޓް ކަރަންޓީނަށް ގެނެސްފައިވާ ކަމަށް ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ދެ ސާމްޕަލެއް ނެގުމަށްފަހު ރ. ސްޓޭންޑަޑް ހުރަވަޅި ރިސޯޓް ކަރަންޓީނަށް ގެނެސްފައިވާއިރު، މާހާ ސަފާރީން ނެގި ސާމްޕަލްތައް ނެގެޓިވް ވެގެން އެ ސަފާރީ ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އެ ސަފާރީއާ އެއް އުސޫލުން، ހުރަވަޅި ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އެ ރިސޯޓްވެސް އޮންނަންޖެހޭނީ ކަރަންޓީނުގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިހާތަނަށް 908 ސަމްޕަލް ޓެސްޓް ކޮށްފައިވާއިރު، 891 ސާޕަލް ނެގެޓިވްކަމަށް ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން އައިސޮލޭޝަންގައި 23 މީހުން އަދި ކަރަންޓީންގައި 860 މީހުން އެބަތިބި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވީ 17 މީހެކެވެ. އޭގެ ތެރޭގައި ރާއްޖޭން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެމީހުން ވެސް ހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ. އަދި 4 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދެ ދިވެހިން ވެސް ހިމެނެއެވެ. އެ ދެމީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި ދެމީހުންނެވެ.