މާހާ ސަފާރީިން ނެގި ސާމްޕަލްތައް ނެގެޓިވް ވުމުން އެ ސަފާރީ ކަރަންޓީނުން ދޫކޮށްލައިފި ކަމަށް ކޮވިޑް 19 އިގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ސާމްޕަލްތައް ނެގެޓިވް ވެގެން އެ ސަފާރީ ކަރަންޓީނުން ދޫކޮށްލާފައިވާއިރު، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ދެ ސާމްޕަލެއް ނެގުމަށްފަހު ރ. ސްޓޭންޑަޑް ހުރަވަޅި ރިސޯޓް ކަރަންޓީނަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ ސަފާރީއާ އެއް އުސޫލުން، ހުރަވަޅި ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އެ ރިސޯޓްވެސް އޮންނަންޖެހޭނީ ކަރަންޓީނުގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާތަނަށް 908 ސަމްޕަލް ޓެސްޓް ކޮށްފައިވާއިރު، 891 ސާޕަލް ނެގެޓިވްކަމަށް ދައްކާފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން އައިސޮލޭޝަންގައި 23 މީހުން އަދި ކަރަންޓީންގައި 860 މީހުން އެބަތިބި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވީ 17 މީހެކެވެ. އޭގެ ތެރޭގައި ރާއްޖޭން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެމީހުން ވެސް ހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.
ރާއްޖޭން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދެ ދިވެހިން ވެސް ހިމެނެއެވެ. އެ ދެމީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި ދެމީހުންނެވެ.