އިބްރާހިމް ޒަކީ
ކޮވިޑް 19އާ ގުޅިގެން ކަރަންޓީނުކުރާ ހުރިހާ މީހުން ވެސް 14 ދުވަސް ފުރިހަމަކޮށް ދޫކޮށްލުމުގެ ކުރިން އެބައްޔަށް ޓެސްކުރަން ނިންމައިފި އެވެ.
ކޮވިޑް 19ގެ ހާލަތާގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން އެކުލަވާލާފައިވާ ކުއިކް ރެފަރެންސް ގައިޑްލައިންއަށް ބަދަލު ގެނަސް، ކަރަންޓީންކުރާ އެންމެން ކޮވިޑް 19 އަަށް ޓެސްޓްކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހުގެ ކަރަންޓީނަށްފަހު، ދޫކުރާނީ ކޮވިޑް 19 އަށް ޓެސްޓު ކުރުމަށްފަހުގައި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ކަރަންޓީންކުރާ އެންމެން ވެސް ކަރަންޓީންގެ މުއްދަތު ހަމަވެ ދޫކޮށްލުމުގެ ކުރިން ކޮވިޑް 19 އަށް ޓެސްޓުކުރަން ސަރުކާރުން ނިންމާފައިމިވަނީ، ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނުުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު، ފުރި އިޓަލީ ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނިކޮށެވެ.
ޑރ. އަލީ ވިދާޅުވީ ކޮވިޑް 19އަކީ މުޅި ދުނިޔޭގައި ވެސް އަލަށް ފެނުނު ބައެއްޔެއް ކަމުން، ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް މިބަލީގައި ހަދާ އެސްއޯޕީތައް ހަދަމުންދަނީ ފެންނަމުންދާ ކޭސްތަކުން ފާހަގަވާ ކަންކަމަށް ބަަލައިގެން ކަމަށެވެ.
"އާންމުކޮށް ކަރަންޓީނު ކުރަމުން މިދަނީ ވަކިވަކި ކޮޓަރިތަކުގައި، ސަފާރީ ބޯޓެއް ކަރަންޓީނު ކުރުމުގައި، އޭގައި ހުރި ޓޫރިސްޓަކު ޕޮޒިޓިވްވުމާއެކު ކަރަންޓީނު ކުރަން އެންގީ މިމަހުގެ 13ގައި. އަޅުގަނޑުމެން ތާރީހު ގުނަން ފެށީ 13 ވަނަ ދުވަހުން ފެށިގެން, އެ އުސޫލުން 14 ދުވަސްކޮށްފައި އެ ޓޫރިސްޓުން ދޫކޮށްލީ،" ޑޮކްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވީ 17 މީހެކެވެ. އޭގެ ތެރޭގައި ރާއްޖޭން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެމީހުން ވެސް ހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.
ރާއްޖޭން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދެ ދިވެހިން ވެސް ހިމެނެއެވެ. އެ ދެމީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި ދެމީހުންނެވެ.