އިބްރާހިމް ޒަކީ
ކޮވިޑަށް ޓެސްޓުކުރާ އިތުރު 6000 ކިޓު މިމަހު 31ގައި ރާއްޖެއަށް ލިބޭނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި މަބހްރޫކު ވިދާޅުވީ، އެއީ އައިޖީއެމްއެޗުން ގެންނަ ކިޓްތަކެއް ކަމަށެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ދުވަސް ތަކުގައި 29،500 އަށްވުރެ ގިނަ ކިޓް ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް ލިބޭނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޯވިޑް 19އަށް ޓެސްޓްކުރާ 3800 ކިޓް މިހާރު ވެސް ރާއްޖޭގައި އެބަހުރިކަމަށެވެ. އޭގެ އިތުރުން ރެޕިޑް ޓެސްޓިން ކިޓުގެ ގޮތުގައި 1000 ކިޓް އެބަހުރިކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވި 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މިހާތަނަށް 908 ސާމްޕަލެއް ރާއްޖެއިން މިހާތަނަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހުންނެވެ.
އޭގެ ތެރެއިން 11 މީހަކު ރަނގަޅުވެފައިވާއިރު، 4 މީހަކަށްދަނީ ފަރުވާދެމުންނެވެ.