އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އައިސޮލޭޝަންގައި 23 މީހުން އަދި ކަރަންޓީންގައި 860 މީހުން އެބަތިބި ކަމަށް ކޮވިޑް 19އިގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އިގެ ހާލަތާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކންފަރެންސްގައި މަބްރޫކު ވިދާޅުވީ އައިސޮލޭޝަންގައި ތިބި މީހުންގެ ތެރެއިިން، ވެލިދޫ އައިސޮލޭޝަންގައި ތިބީ 20 މީހުން ކަމަށެވެ.
އަދި ދަރުމަވަންތަ ހޮސްޕިޓަލްހައި ކޮވިޑް 19 އަށް ފަރުވާދޭ މީހުންނާއެކު 3 މީހުން އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކަރަންޓީންގައި ތިބިމީހުުންގެ ތެރެއިިން، ވިލިވަރު ކަރަންޓީން ފެސިލިޓީގައި، 16 މީހުން އެބަތިބި ކަމަށެވެ.
އަދި ފަން އައިލެންޑްގައި 64 މީހުންނާއި، ބިޔާދޫގައި 48 މީހުންނާއި، ކުޑަބަނޑޮހުގައި 113 މީހުންނާއި، ދިއްގިރީގައި 32 މީހުން އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހޮލިޑޭ އައިލެން ކަރަންޓީން ފެސިލިޓީގައި 139 މީހުންނާއި އެނބޫދޫގައި 78 މީހުންނާއި ރޮޔަލްއައިލެންޑްގައި 191 މީހުންނާއި މަޑިވަރުގައި 99 މީހުން، އަދި އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި 70 މީޙުން ތިބި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާތަނަށް ކޮވިޑް 19 އަށް 908 މީހުން ޓެސްޓްކޮށްފައިވާ ކަަމަށާއި، އޭގެ ތެރެއިން 891 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވީ 17 މީހެކެވެ. އޭގެ ތެރޭގައި ރާއްޖޭން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެމީހުން ވެސް ހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.
ރާއްޖޭން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދެ ދިވެހިން ވެސް ހިމެނެއެވެ. އެ ދެމީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި ދެމީހުންނެވެ.