ދުނިޔެ

ކޮވިޑް 19 އާއި ގުޅިގެން ބަންދުކުރި ހޫބޭ ޕްރޮވިންސަށް ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓުކުރަން ފަށައިފި

އައިދާ އަބްދުލް ހަކީމް

މިހާރު މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ ޕްރޮވިންސަށް ރޭ ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ކާގޯ ފްލައިޓްތަކާއި ފަސެންޖަރުން އުފުލާ ފްލައިޓްތައް ރޭ ދަންވަރުން ފެށިގެން އޮޕަރޭޓްކުރަން ފެށި ނަމަވެސް، ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާންއަށް އަދި ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރަން ނުފަށާނެ ކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަނުން ބުނެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ޗައިނާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް އެ ޕްރޮވިންސުން ކޮވިޑް-19ގެ ބަލިމީހުން ފެންނަ މިންވަރު ދަށްވާން ފެށުމުން އެ ފިޔަވަޅުތަކަށް ލުއިތަކެއްދީ ގައުމު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ޗައިނާ ސަރުކާރުން އަންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.

ޗައިނާއިން މިހާތަނަށް ކޮވިޑް 19އަށް 80 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 3300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ޗައިނާއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 75000 އަށްވުރެ ގިނަ މީހުން އެބަލިން ރަނގަޅުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.