ކުއްލި ޚަބަރު

ކޮވިޑް 19 : އައްޑޫ ސިޓީން ބައެއް މީހުން އެކަހެރިކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހަކާ ކޮންޓެކްޓު ވުމުން އައްޑޫ ސިޓީން ބައެއް މީހުން އެކަހެރިކޮށްފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މަބްރޫކު ވިދާޅުވީ އެކަހެރި ކޮށްފައިވާ މީހުންނަކީ ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށެވެ. މި މުވައްޒަފުން އެކަހެރި ކުރަން ޖެހުނީ ފާއިތުވި 14 ދުވަހު ދަތުރު ކޮށްފައިވާ މީހަކު ޑޮކްޓަރަށް ދެއްކުމަށް ދިއުމުން ޕްރޮޓެކްޓިވް ސާމާނު ނެތި ކޮންޓެކްޓު ވުމުން ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ އެކަހެރި ކޮށްފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހުން ކަމަށެވެ. އަދި މި ތިން މީހުން މިހާރު ތިބީ ސެލްފް އައިސޮލޭޝަނުގައި ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ޑޮކްޓަރަށް ދެއްކި މީހާއަކީ ބަލި ވެގެން މިމަހު 15ގައި އިންޑިއާ މަގުން ރާއްޖެއައި މީހެއް ކަމަށެވެ. އަދި އެމީހާ ދަތުރު ކުރިކަން ޑޮކްޓަރާއި ނަރުހުންނަށް އެންގީ ފަރުވާ ފެށި ފަހުން ކަމަށް ސޯބެ ވިދާޅުވިއެވެ. ޑޮކްޓަރާއި ނަރުހުން އައިސޮލޭޝަނަށް ގޮސްފައިވަނީ އަމިއްލައަށް އިސްނަގައިގެން ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ ބަލިމީހާގެ ސާމްޕަލް އަދި ނުނަގާ ކަމަށާއި، އޭނާ ކޮވިޑް 19 އަށް ޓެސްޓު ނުކުރާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.