ކޮވިޑް 19

ކޮވިޑަކީ ވައިގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށް ދެކެވޭ ވާހަކަ ޑަބްލިއުއެޗްއޯއިން ދޮގު ކޮށްފި

މިންހާ ފާއިޒް ރަޝާދު

ކޮވިޑް 19 ވައިގެ ތެރެއިން އަރާނެ ކަމަށް ދެކެވެމުންދާ ވާހަކަތައް ދުނިޔޭގެ ސިއްހީ ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދޮގު ކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް19 އަކީ "އެއާބޯން" ބަައްޔެއް ނޫންކަމަށެވެ.

އެބަލި ޖެހެނީ، ބަލި ޖެހިފައި ހުރި މީހަކު ކެއްސައި، ކިނބިހިއަޅައި ނުވަތަ ވާހަކަ ދެއްކުމުގެ ތެރެއިންވެސް ބޭރުވާ ޖަރާސީމުން ކަމަށް އެ ޓުވީޓުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މަދުވެގެންވެސް މީހުންނާ އެއް މީޓަރުގެ ދުރުމިން ބެހެއްޓުމަށާއި، ގިނައިން އަތްލެވޭ ތަންތަން ސާފުކޮށް ޖަރާސީމު ފިލުވުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސް ކުރެއެވެ.

ރަނގަޅަށް އަތްދޮވުމާއި މޫނުގައި އަތް ނުލުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ މި ޓުވީޓަކީ ކޮވިޑް19 އަކީ ވައިގެ ތެރެއިން އަރާ ބައްޔެއް ކަމަށްބުނެ އިއްޔެ ފެތުރެމުންދިޔަ ހަބަރަކާ ގުޅިގެން ކޮށްފައިވާ ޓުވީޓެކެވެ.

ދުނިޔޭގައި ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު ހަ ލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު 30 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. 142184 މީހުން ބަލިން ފަސޭހަވެފައި ވެއެވެ.

ކޮވިޑަކީ ފަސޭހަކަމާ އެކު ގައިން ގަޔަށް އަރާ ބައްޔެއް ކަމުން، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ގިނަގިނައިން އަތްދޮވުމަށް ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.