އެންޓި ކޮރަޕްޝަން ކޮމިޝަން

ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް އޭސީސީންވެސް ނިންމައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އިތުރު އެއް ހަފުތާއަށް އޮފީސްތައް ބަންދު ކުރުމާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ވެސް މެންބަރުން ގޭގައި ތިއްބަވައިގެން، ވޯކްފްރޭމް ހޯމް އުސޫލުން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިިގެން ސަރުކާރު ބަންދުކޮށް އިޖުތިމާއީ ގައިދުރުކުރުމަށް ކަންކަން ރާވަމުން ގެންދާއިރު، ގިނަ މުއައްސަސާ ތަކަކުން ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ހަމަޖައްސައިފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް މެންބަރުން ގޭގައި ތިއްބަވައިގެން ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ކުރިއަށް އޮތް ހަފުތާއަކީވެސް ސަރުކާރު ބަންދު ހަފްުތާއެއްކަން އާންމުކުރެއްވީ މިދިޔަ ބުދަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި ރައީސުލް ޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ނިއުސް ކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް 19 ފެނުނު ފަހުން އެބަލިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުން އަންނަ ހުރިހާ ފިޔަވަޅުތައް ވެސް އަޅަމުން އަންނަނީ ސިއްހީ މާހިރުންގެ ލަފަޔާއެކު ކަމަށެވެ. އަދި އެބަލީގެ ކަންކަމުގައި އެންމެ އިސްބަސް ވެސް އެންމެފަހު ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން ކަމަށެވެ.

އެގޮތުން ކޮވިޑް 19އާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް އުނދަގޫވާ ބައެއް ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.