ކުއްލި ޚަބަރު

މާލޭގައި ހޯމް ކަރަންޓީނުގައި 44 މީހެއް، ހޯމް އައިސޮލޭޝަންގައި 17 މީހެއް އެބަ ތިބި: މަބްރޫކު

މާލޭގައި ހޯމް ކަރަންޓީނު ކުރެވިފައި 44 މީހެއް އެބަތިިބި ކަމަށް ކޮވިޑް 19 ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބޫރުކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މާލޭގައި ހޯމް ކަރަންޓީނުގައި ތިބި 44 މީހުންގެ ތެރެއިން 43 މީހުންނަކީ ދިވެހިން ކަމަށާއި ދެން ހިމެނެނީ ބިދޭސީއެއް ކަމަށެވެ.

އޭގެ އިތުރުން މާލޭގައި ހޯމް އައިސޮލޭޝަންގައި 13 ދިވެހިންނާއި ހަތަރު ބިދޭސީންނާއެކު ޖުމްލަ 17 މީހުން އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް 891 ސާމްޕަލް ނެގިފައިވާއިރު 874 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބި އެއް ސާމްޕަލް އެބަ އޮތް ކަމަށާއި މި އަދަދުތަކަކީ ލެބޯޓަރީއާ ހަމައަށް އައިސްފައިވާ ސާމްޕަލްތަކާއި އޭގެ ނަތީޖާ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މާލޭގައި ގާއިމްކޮށްފައިވާ ފުލޫ ކުލިނިކްތަކަށް 185 މީހަކު ދައްކާފައިވާއިރު ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރާއި މ. މުއްޔާއި ކ. މާފުއްޓާއި ކާށިދޫ އަދި ތުލުސްދޫގެ އިތުރުން ފ. އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލްގައި މިހާރު ފުލޫ ކުލިނިކް ގާއިމްކޮށްފައިވަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް މޮނީޓަރިންގެ ހާލަތުގައި މިވަގުތު ހަތަރު ރިސޯޓަކާއި ތިން ސަފާރީއެއް އަދި ކޮންޓެއިނަރު ބޯޓެއް އެބަ އޮތް ކަމަށެވެ.

އެއީ ތާޖް އެގްޒޯޓިކާ ރިސޯޓް، ފިލިތެޔޮ އައިލެންޑް ރިސޯޓް، ދަ ރެސިޑެންސް މޯލްޑިވްސް ދިގު ރަށް، ލަކްސް ނޯތު މާލެ އެޓޯލް އާއި އާކްނޯބަލް ސަފާރީ، އައިލެންޑް ސަފާރީ، މައި ސްޓާ އަދި ވީއެސްޖީ ގްލޯރީ ކާގޯ ވެސެލްއެވެ.