ކުއްލި ޚަބަރު

އިޓަލީ ދެ މީހުން ދިޔަ ރަޝިއާ ފްލައިޓުގެ މައްސަލައިގައި ރަޝިއާއިން ރާއްޖެއާ އެއްވެސް މަޝްވަރާއެއް ނުކުރޭ: މަބްރޫކު

ރާއްޖެއިން ފުރި ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ ދެ މީހުން ތިބި ރަޝިއާ ފްލައިޓުގެ މައްސަލައިގައި ރަޝިއާ އިން ރާއްޖެއާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ކޮވިޑް 19ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބޫރުކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެހެން ވިދާޅުވީ، ރާއްޖެއިން ފުރި ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ ދެ ފަތުރުވެރިން ފުރުވާލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ފޮނުވުމަށް ރަޝިއާއިން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެފަދަ އެއްވެސް މަޝްވަރާއެއް ދިވެހި ސަރުކާރާ ކޮށްފައިވޭތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް ރައީސް އޮފީހުގެ އިސް ބޭފުޅަކާ ހަވާލާދީ އޮންލައިން ނޫހެއްގައި ބުނެފައިވާ ގޮތުން އިޓަލީ ފަތުރުވެރިން ފުރުވާލި މައްސަލައިގެ ތަފްސީލު ރިޕޯޓެއް ހިއްސާކުރަން ސްރީ ލަންކާގައި ހުންނަވާ ރަޝިއާގެ ސަފީރު އެދިވަޑައިގަތީ ރާއްޖޭގެ ފޮރެން ސެކެޓްރީ އަބްދުލް ގަފޫރު މުހައްމަދުގެ އަރިހުގައެވެ.

ރާއްޖެ އިން ފުރި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ މީހުންނަކީ އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުންނެވެ.

އެމީހުންގެ ސާމްޕަލް ޕޮޒިޓިވްވިކަން އިއުލާން ކުރައްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެ ދެ ފަތުރުވެރިންނަކީ ވެސް ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރި މީހުން ކަމަށާއި ނަމަވެސް އެމީހުންގެ ސާމްޕަލްގެ ނަތީޖާ ލިބުނުއިރު ދެމީހުން ވެސް ތިބީ ފްލައިޓުގައި ކަމަށެވެ.

އެމީހުން ރާއްޖެއިން އިޓަލީއަށް ދަތުރުކުރީ އެކި ގައުމުތަކުގެ 358 މީހުންނާއެކު ރަޝިއާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގެ މަތިންދާ ބޯޓެއްގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުން އެ ބޯޓަކީ ރާއްޖޭގައި ތިބި އިޓަލީގެ ފަތުރުވެރިން ބަލާ އެގައުމުގެ ސަރުކާޜުން ފޮނުވި ބޯޓެކެވެ. ނަމަވެސް އެ ބޯޓު ވަނީ މޮސްކޯގައި ކަރަންޓީނުކޮށްފައެވެ.

އެކަމާގުޅޭ މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ރަޝިއާއަށް އެ ފްލައިޓް ޖެއްސުމަށްފަހުގައި އެ ފުލައިޓްގައި ތިބި ކުރޫންނާއި ޕޮޒިޓިވްވި ދެ މީހުން ކަރަންޓީން ފެސިލިޓީއަކަށް ގެންދެވުނު ކަމަށާއި ބާކީ ތިބި މީހުން އެއާޕޯޓްގައި ތިން ގަޑިއިރު ވަންދެން ބައިތިއްބައި އެމީހުންގެ ހުން ހުރިތޯ ބަލަމުންދިޔަ ކަމަށެވެ.

ނަމަވެސް އެ ފްލައިޓުގައި ތިބި ރަޝިއާގައި ޓްރާންސިޓް ކޮށްފައި އެހެން ގައުމުތަކަށްދާ ފަސިންޖަރުން

އަނބުރާ ގައުމަށް ފުރައިގެން ދިއުމުގެ ހުއްދަ ދިން ކަމަށާއި އަދި ފްލައިޓުގައި ތިބި ރަޝިއާ އެންމެން ހޯމް ކަރަންޓީނަށް ގެންދިޔަ ކަމަށެވެ.