ކޮވިޑް 19އާ ގުޅިގެން 70 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަތީގައިވާ ކަމަށް ކޮވިޑް 19 ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބޫރުކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރާއްޖެއަށް ހަމަކުރުމަށް މަސައްކަތް ކުރަމުންދަނީ 200 ވެންޓިލޭޓަރު ކަމަށެވެ. އެ އަދަދު ހަމަކުރުމަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ.
"މިހާރު ގެނައުމަށް މަސައްކަތް ކުރަމުންދަނީ 70 ވެންޓިލޭޓަރު. އެ އެއްޗެހި ހުރީ ސެކިއާ ކުރެވިފައި. ޓްރާންސްޕޯޓް ކުރުމުގެ މަސައްކަތް ކުރަން އޮތީ،" މަބްރޫކު ވިދާޅުވިއެވެ.
އިތުރު ވެންޓިލޭޓަރުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއިރު ކޮވިޑް 19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ބެޗް ރާއްޖެއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީ ޖޮންގް ވިދާޅުވީ، ރާއްޖެއާ މަޝްވަރާކޮށް ހަދާފައިވާ ބައެއް ލިސްޓުގައި ވެސް ވެންޓިލޭޓަރު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.
ނަމަވެސް އެ ތަކެއްޗަކީ ޗައިނާގެ މާކެޓްގައި ވެސް މަދުވެފައިވާ ތަކެތި ކަމުން އެތަކެތި އުފެއްދުމަށްފަހު އެ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.