އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ދިރާގާއި އުރީދޫ މޯލްޑިވްސްއާއެކު ކުރިއަށް އެބަދާ ކަމަށާއި އެކަމާ ގުޅިގެން މާދަމާ ޖަވާބެއް ދެވޭނެ ކަމަށް ކޮވިޑް 19 ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބޫރުކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޓަނެޓްގެ އަގަށް ލުއި ދެއްވާނެ ކަމަށާއި އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ދެ ދުވަހެއްގެ ތެރޭގައި އެކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގާއެކު މިއަދު ވެސް ކުރިއަށްދިޔަ ކަމަށެވެ.
"އެކަމުގައި މިއަދު ވެސް މީޓިންތަކެއް ހިނގިކަން އެނގޭ. މާދަމާ ތިބޭފުޅުންނަށް ސީދާ ޖަވާބެއް ދެވޭނެ. ދިރާގު އުރީދޫއާއެކުގައި އެކަމުގައި އެބަ މަސައްކަތް ކުރެވޭ،" މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފިސްތަކާއި ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މިދުވަސްވަރު ގިނަ ބަޔަކު ގޭގައި ތިބޭނެތީ، މުވާސަލާތީ ހިދުމަތްތައް ދޭ ކުންފުނިތަކުން އިންޓަނެޓަށް ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އިންޓަނެޓްގެ އަގަށް ލުޔެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު .މިދިޔަ އަހަރުގެ މޭ މަހު ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ރައްޔިތުންނާއި ވިޔަފާރިވެރިން އުފާވާ މިންވަރަށް، ކައިރި މުސްތަގުބަލެއްގައި އިންޓަނެޓްގެ އަގު ހެޔޮކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ހާސިލް ވެފައެއް ނުވެއެވެ.