ޔޫއޭއީން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެގައުމުން ބުނި ނަމަވެސް އެއީ ދިވެއްސެއް ނޫންކަން ޔަގީން ވެފައިވަ ކަމަށް ކޮވިޑް 19 ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބޫރުކް އަޒީޒް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެކަން ޔަގީންކޮށްދެއްވީ ޔޫއޭއީން މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ޓުވީޓެއް ކޮށްފައިވާތީ އެކަން ބެލުމަށްފަހުއެވެ.
އެގޮތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަބްރޫކު ވިދާޅުވީ، ޔޫއޭއީގައި ކޮރޯނާވައިރަހަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެ ގައުމުން ބުނެފައިވީ ނަމަވެސް އެގައުމުން ދިވެއްސެއް ކަމަށް ބުނާ މީހާގެ ނަމަކީ ދިވެހިންނަށް ކިޔާ ކަހަލަ ނަމެއް ނޫން ކަމަށެވެ.
އެގޮތުން ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ސަރުކާރާ ހިއްސާކުރި ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާފަދަ ނަމެއް ކަމަށާއި އެހެންކަމުން އެ ނަަމަކީ، މޯލްޑޯވާ ކަހަލަ ރާއްޖެއާ ނަން ވައްތަރު ގައުމެއްގެ މީހަކަށްވުން އެކަށީގެންވާ ކަމަށެވެ.
""އަޅުގަނޑުމެންނަށް ޔަގީންކޮށް ބުނަން އިނގޭ މިހާރު އެއީ ދިވެއްސެއް ނޫންކަން،" މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިނގިރޭސި ވިލާތުގައި ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަމަށް ބުނާ ވާހަކައިގެ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަަމަށެވެ.
އިނގިރޭސި ވިލާތުން ބަލި ޖެހިފައިވަނީ އެގައުމުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރެއްގެ އަންހެނުންނަށެވެ. ޑޮކްޓަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19އަށް އަންހެނުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރެގެން މިދިޔަ އަންގާރަ ދުވަހު ޓެސްޓު ހެދުމުން ކަމަށެވެ.
އެދުވަހުން ފެށިގެން ދެމަފިރިން ގޭގައި އެކަހެރިވެފައިވާ ކަމަށާއި އަންހެނުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.