ކޮވިޑް 19

މިހާތަނަށް ހެދި ކޮންޓެކްޓްރޭސިިންގެ ތެެރެއިން 39 މީހުން އައިސޮލޭޝަންގައި މަޑުކުރަންވަނީ އަންގައިފައި: މަބްރޫކު

އިބްރާހިމް ޒަކީ

މިހާތަނަށް ހެދި ކޮންޓެކްޓްރޭސިިންގެ ތެރެއިން އައިސޮލޭޝަންގައި ތިބުމަށް 39 ފަރާތަކަށް އަންގާފައިވާ ކަމަށް ކޮވިޑް 19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އިގެ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އޮތް ނިއުސްކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިން ހެދުމަށް 150 މީހުންގެ ލިސްޓެއް ގެންގުޅުއްވާ ކަމަށެވެ. އެ އަދަދަކީ އޭގެ ތެރެއިން މިހާތަނަށް ޓްރޭސިން ހެދުނު މީހުންގެ ތެރެއިިން އައިސޮލޭޝަންގައި ތިބުމަށް އެންގި މީހުން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ބިދޭސީންގެ އިތުރުން ދިވެހިން ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާތަނަށް ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން، އަޅުގަނޑު އިއްޔެ ބުނިން 150 މީހުންގެ ލިސްޓެކޭ ބަލަނީ، އޭގެ ތެރެއިން ކޮންޓެކްޓް ޓްރޭސިން ހެދި މިހާރުވަނީ 39 މީހަކު އައިސޮލޭޝަންގައި މަޑުކުރަން އަންގާފަ. އޭގެ ތެރޭގަައި ތިބީ ފަސްބިދޭސީން، ބާކީ ތިބީ ދިވެހިން،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިހާތަނަށް ރާއްޖެއިން 880 ސާމްޕަލް ޓެސްޓު ކުރި އިރު، 16 ޕޮޒިޓިވް އަދި 860 މީހަކު ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށެވެ.