މިންހާ ފާއިޒް ރަޝާދު
ފޭސްބުކްގެ ބާނީ މާކް ޒުކަބާގް އަދި އަނބިކަބަލުން ޕްރިސިލާ ޗަން ގުޅިގެން އުފައްދާފައިވާ ފައުންޑޭޝަން ޗަން ޒުކަބާގް އިނިޝިއޭޓިވް އިން ކޮވިޑް19 އަށް ފަރުވާ ހޯދަން ބިލް ގޭޓްސް ފައްޓަވާފައިވާ ދިރާސާއަށް 25 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އެކަން ޗަން ޒުކަބާގް އިނިޝިއޭވް އިން އާންމުކުރީ އިއްޔެއެވެ.
މައިކްރޯސޮފްޓުގެ ބާނީ އަދި ބިލިއަނަރު ބިލް ގޭޓްސް އާއި އަނބިކަބަލުން މެލިންޑާ ގޭޓްސް ގުޅިގެން އުފައްދާފައިވާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ކޮވިޑް19 ތެރަޕިއުޓިކްސް އެސެލޭޓަރު ޕްރޮޖެކްޓް ފެއްޓީ މިމަހު ކުރީ ކޮޅެވެ. އެ ޕްރޮޖެކްޓް ފެއްޓީ މާސްޓާކާޑާއި ވެލްކަމް ކިޔާ އިތުރު ޗެރިޓީ ފައުންޑޭޝަނަކާއެކު 125 މިލިއަން ޑޮލަރުންނެވެ.
އެ ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ކޮވިޑް19އަށް ބޭނުންވާ ފަރުވާތައް އެންމެނަށްވެސް އަތްފޯރާ ފަށުގައި ހޯދައިދިނުމެވެ. ހަމަ އެއާއެކު ގިނަ ބަޔަކަށް އެލިބޭނެ އިންތިޒާމުވެސް ހަމަޖެއްސުމެވެ. މި ޕްރޮޖެކްޓުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ވެސް ބައިވެރިވެއެވެ.
ކޮވިޑް19 ތެރަޕިއުޓިކްސް އެސެލޭޓަރު ޕްރޮޖެކްޓްގައި މިހާރުވެސް މިބައްޔަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ބޭސްތައް އިތުރަށް ދިރާސާ ކުރާނެއެވެ.
މާކް މި ޕްރޮޖެކްޓާ ގުޅުމަަށްފަހު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ މިހާރުވެސް ބައްޔަށް ބޭނުންކުރާ ބޭސްތައް އިތުރަށް ރަނގަޅުކޮށް އެންމެނަށް ލިބޭނެ ގޮތް ހެދުން މިވަގުތު އާ ވެކްސިނެއް ހެދުމަށް ވުރެ މުހިންމު ކަމަށެވެ.
މާކްގެ ފައުންޑޭޝަނުން ބިލް ގޭޓްސްގެ ޕްރޮޖެކްޓާ ގުޅުނުކަން އިއްޔެ އިއުލާނު ކުރިއިރު، މީގެ ކުރިން ފޭސްބުކުންވެސް ވަނީ ކޮވިޑް19 އާ ގުޅިގެން ގިނަ މަސައްކަތްތަކެއް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިތަކަށް އެހީވުމަށް 100 މިލިއަން ޑޮލަރުގެ ޕްރޮގްރާމެއްވެސް ހިމެނެއެވެ.
މީގެ އިތުރުން އެމަޒޮން އާއި މައިކްރޯސޮފްޓުންވެސް ވަނީ 2.5 މިލިއަން ޑޮލަރު ކޮވިޑް19 ރިލީފް ފަންޑަށް ހަދިޔާ ކޮށްފައެވެ.
ކޮވިޑް19އާ ގުޅިގެން އެޕަލް އިންވެސް ވަނީ 10މިލިއަން މާސްކު އެމެރިކާއަށް ހަދިޔާ ކުރާނެކަން އިއުލާނު ކޮށްފައެވެ.