އިބްރާހިމް ޒަކީ
ރާއްޖެއިން ކޮވިޑް 19 އަށް ޕޮސިޓިވް ވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ވަނީ ވެލިދޫ އައިސޮލޭޝަނަށް ބަދަލުކޮށްފައި ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރު ގޭގައި ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، މިހާރު ފަރުވާދެމުންދާ އެހެންމީހުންނެކޭ އެއްގޮތަށް، ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ކޮވިޑް 19އަށް ރާއްޖެއިން ޕޮޒިޓިވްވި ދިވެހި މީހާއަކީ، މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސި ވިލާތުން ރާއްޖެއައިމީހެކެވެ.
އެމީހަކީ 38 އަހަރުގެ މީހެއް ކަމަށް މީގެކުރިން މަބްރޫކު ވަނީ ވިދާޅުވެފައެވެ.
އިއްޔެ ބެއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެމީހާ މިމަހު 22 ވަނަ ދުވަހުން ފެށިގެން ކަރަންޓީނު ކޮށްފައިވާ ކަމަށާއި އަދި އޭނާގެ ކިބައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނިފައިވަނީ 25 ވަނަ ދުވަހު ކަމަށެވެ. އަދި ޓެސްޓުކުރުން އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ޓްރާންސްފާކޮށްފައި ވަނީ ސޯޝަލް ޑިސްޓެންސިންގެ ތެރެއިން ކަމަށާއި މިހާރު ދަނީ ލޯންޗުގެ ތެރެއިން އޭނާއާއި ބައްދަލުވި މީހުންނާއި އެއާޕޯޓުން އޭނާއަށް ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.