އިބްރާހިމް ޒަކީ
ޔޫއޭއީން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެގައުމުން ބުނި ނަމަވެސް އެއީ ދިވެއްސެއް ކަމަކަށް ނުބެލެވޭ ކަމަށް ކޮވިޑް 19 ގެ ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބޫރުކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި މަބްރޫކު ވިދާޅުވީ، ޔޫއޭއީގައި ކޮރޯނާވައިރަހަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެ ގައުމުން ބުނެފައިވީ ނަމަވެސް އެގައުމުން ދިވެއްސެއް ކަމަށް ބުނާ މީހާގެ ނަމަކީ ދިވެހިންނަށް ކިޔާ ކަހަލަ ނަމެއް ނޫން ކަމަށެވެ.
އެގޮތުން ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ސަރުކާރާ ހިއްސާކުރި ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާފަދަ ނަމެއް ކަމަށާއި އެހެންކަމުން އެ ނަަމަކީ، މޯލްޑޯވާ ކަހަލަ ރާއްޖެއާ ނަން ވައްތަރު ގައުމެއްގެ މީހަކަށްވުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން އެ މައުލޫމާތަކަށް ބަލާއިރު ޔޫއޭއީގައި ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަމަށް ހީނުކުރެވޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19ގެ 16 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 14 މީހުނަށް ރާއްޖޭން ދަނީ ފަރުވާ ދެމުންނެވެ. އަނެއް ދެމީހުންނަކީ ރާއްޖޭން ފުރި ފަހުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެ ރައްޔިތުންނެވެ.
ރާއްޖޭގައި ފަރުވާ ދޭ މީހުންގެ ތެރެއިން މިހާތަނަށް 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.