ކޮވިޑް 19

ރާއްޖޭގައި ފަރުވާދެމުން އައި އިތުރު ދެމީހަކު ކޮވިޑުން ރަނގަޅުވެއްޖެ

އިބްރާހިމް ޒަކީ

ރާއްޖޭގައ ފަރުވާދެމުން އައި އިތުރު ދެމީހަކު ކޮވިޑުން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު މެންދުރުފަހު ބޭއްވި ނިއުސްކޮންފަރެންސްގައި، ތަފްސީލު ދެއްވަމުން ޑރ.މުއާޒު މޫސާ ވިދާޅުވީ، ކޯވިޑް 19އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފަރުވާދިން 14 މީހުންގެ ތެރެއިން 11 މީހަކު މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ.

އިތުރު ތަފްސީލް ދެއްވަމުން ކޮވިޑް 19އިގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް 19 އަށް ޕޮސިޓިވްވެގެން 16 ކޭސްއެއް ފެނުނު ނަމަވެސް ރާއްޖޭގައި ތިބީ 14 މީހުުން ކަމަށެވެ. އަދި އޭގެ ތެރެއިިން 11 މީހުން ރަނގަޅު ވެފައިވާއިރު ތިން މީހަކަށް މިހާރުވެސް ފަރުވާ ދެމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭން ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުންނާއި ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުންނާއި، ކުރަމަތި މޯލްޑިވްސްއިން 2 މީހުންނާއި، ސަފާރީއަކުން 2 މީހުންގެ އިތުރުން، އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުންނާއި، އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކާއި، ރާއްޖެއިން އިޓަލީއަށް ފުރައިގެންދިޔަ 2 މީހުންނެވެ.

މި ބަލިން ރަނގަޅުވި 11 މީހުން ދޫކުރުމަށް ހަމަޖައްސާފައިވަނީ ކަނޑައަޅާފައިވާ ގޮތަށް 30 ދުވަހުގެ ކަރަންޓީނަކަށްފަހުގައެވެ.

ރާއްޖެއިން އިއްޔެ ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް 19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލި ފަހުން ކަމަށް މަބްރޫކު އިއްޔެ ވަނީ ވިދާޅުވެފައެވެ.