މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ހުކުރު ކުރުން ހުއްޓުވާފައި އޮތް އޮތުން އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހާއި ހަމަޔަށް އިތުރުކުރަން ނިންމައި، އިސްލާމިކް މިނިސްޓްރީން އެކަން އިއުލާނުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުރިހާ ރިސޯޓެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމިނިސްޓްރީން ބުނީ ރަށަކަށް އަރައި ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ (ލޮކްޑައުން ކޮށްފިނަމަ) އެރަށެއްގައިވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް އަންގާ ކަމަށެވެ.
މިހާލަތުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ބަންގީގެ ފަހުގައި ދެފަހަރަށް ގޮވުމަށް ވަނީ އަންގާފައެވެ. އަދި މިދަނޑިވަޅުގައި މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރި ނަމަވެސް ބަރާބަރަށް ފަރުޟު ފަސްނަމާދު ކުރުމާއި ސުންނަތް ނަމާދު ގިނަކޮށް ގިނަ ގިނައިން ދުއާކޮށް ސިއްހީ ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.