ކުއްލި ޚަބަރު

އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެހި ޑޮކްޓަރެއްގެ އަންހެނުން ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރެއްގެ އަންހެނުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް 19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭވި ވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތް ކުރައްވާ އެ ޑޮކްޓަރުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް 19އަށް އަންހެނުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރެގެން މިދިޔަ އަންގާރަ ދުވަހު ޓެސްޓު ހެދުމުން ކަމަށެވެ.

އެދުވަހުން ފެށިގެން ދެމަފިރިން ގޭގައި އެކަހެރިވެފައިވާ ކަމަށާއި އަންހެނުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޑޮކްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިދިޔަ ދެ ހަފުތާގައި އޭނާ އުޅުއްވީ ކޮވިޑް 19ގެ ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ކަމަށާއި އޭނާގެ ފަރާތުން ވެސް ރޯގާގެ މަދު އަލާމާތްތަކެއް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ގެޔަށް އެ ވައިރަސް އައީ އޭނާގެ މަސައްކަތުގެ މާހައުލުން ކަމަށް ބެއްލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވެއެވެ.

ނަމަވެސް ޑޮކްޓަރު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމެއް ނޭނގެއެވެ.

އޭނާ ވިދާޅުވީ، ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ވެސް މިދިޔަ ދުވަސްތަކުގައި ވައިރަހަށް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.

ޑޮކްޓަރުގެ އާއިލާ މެންބަރަކު "ވަން" އަށް ބުނީ، އިނގިރޭސިވިލާތަށް ކިޔަވަން ދިޔަ ގޮތަށް ޑޮކްޓަރު އުޅެނީ އިނގިރޭސި ވިލާތުގައި ކަމަށާއި އެގައުމުގައި އުޅޭތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަދި މިހާރު ދެމަފިރިންނާއި ކުޑަކުއްޖާއަކީ ވެސް އެގައުމުގެ ރަށްވެހިން ކަމަށް ބުންޏެވެ.

އާއިލާ މެންބަރު އިތުރަށް ބުނީ، ޑޮކްޓަރުގެ ފަރާތުން ރޯގާގެ އަލާމާތްތަކެއް ފެނުނު ނަމަވެސް ގޭގައި އެކަހެރިވެގެން ހުރުމުން އަދި ޓެސްޓު ހެދިފައިނުވާ ކަމަށެވެ. ނަމަވެސް ގޭގައި ހުރެގެން ވެސް އޮންލައިންކޮށް ބަލި މީހުން ބަލަމުން ގެންދާ ކަމަށް ބުންޏެވެ.

އިނގިރޭސި ވިލާތުގައި އުޅޭ ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވިއިރު އެގައުމުން މިމަހުގެ 22 ވަނަ ދުވަހު އައި 38 އަހަރުގެ ދިވެއްސަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިވްވީ ރާއްޖެ އައުމާއެކު ކަރަންޓީނުގައި ބަހައްޓާފައި ހުއްޓާ ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ.

އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު ޔޫއޭއީން ވެސް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެކަމާގުޅޭ ރަސްމީ އެއްވެސް ލިޔުމެއް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް ސަރުކާރުން ބުނެއެވެ.