ކޮވިޑް 19

ކޮވިޑުން ރައްކާތެރިވުމަށް ކައިލީ އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

ކޮވިޑުން ރައްކާތެރިވުމަށް ބިލިޔަނަރު ކައިލީ ޖެނާގެ ފަރާތުން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފިއެވެ.

އެކަން ހާމަކުރީ ކައިލީގެ ޑޮކްޓަރު ތައިސް އާލިއާބާދީ އޭނާގެ އިންސްޓަގްރާމުގައެވެ. ޑރ ތައިސް ވަނީ ކައިލީ ވެދިން އެހީއަށް ޝުކުރުއަދާކޮށްފައެވެ.

"އަހަރެން ވިޝްއެއް ކުރިން. ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރި ސާމާނު ލިބޭތޯ. އެހުވަފެން ހަގީގަތަކަށް ވެއްޖެ. އަހަރެންގެ އަމިއްލަ ޕޭޝަންޓު މިވަނީ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފަ. މީގެން ގަންނާނީ ފޭސް މާސްކާއި ފޭސް ޝީލްޑާއި ރައްކާތެރިކަމަށް ބޭނުންވާ އެހެނިހެން ސާމާނު." ޑރ ތައިސްގެ އިންސްޓަގްރާމު ޕޯސްޓުގައި ބުނެފައި ވެއެވެ. 

ކައިލީވެސް ވަނީ އެ ޕޯސްޓަށް ރިޕްލައިކޮށްފައެވެ. އަދި ޑޮކްޓަރު ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް19ގެ ވަބާއަށް ގިނަ ތަރިން އަންނަނީ އެހީވަމުންނެވެ. އެގޮތުން ބްލޭކް ލައިވްލީ އަދި ރެޔާން ރޭނޯލްޑްސް ވަނީ އެއް މިލިއަން ޑޮލަރު އެމެރިކާ އަދި ކެނެޑާގެ ފުޑް ބޭންކުތަކަށް ހަދިޔާ ކޮށްފައެވެ.

ކަންޔޭ ވެސްޓު އަންނަނީ ޗިކާގޯ އަދި ލޮސް އެންޖެލްސްގެ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދެމުންނެވެ. ކިއާރާ އަދި ރަސެލް ވިލްސަން ވަނީ ސިއޭޓަލްގައި ހުންނަ އެމީހުންގެ ލޯކަލް ފުޑްއަށް ކާނާ ހަދިޔާ ކޮށްފައެވެ. އެމެރިކާގެ ޓީވީ ހޮސްޓު ކެލީ ރިޕާ ވަނީ ވެންޓިލޭޓަރު ގަތުމަށް އެއް މިލިއަން ޑޮލަރުގެ އެހީ ހޮސްޕިޓަލުތަކަށް ހަދިޔާ ކޮށްފައެވެ. މި ނޫންވެސް އެތައް ތަރީންނެއް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެކި ގޮތްގޮތުން އެހީވަމުންނެވެ.