އަލީ ޔާމިން
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަމުން އަރައިގަނެވޭނީ ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ޑަބްލިޔުއެޗްއޯއިން މިއަދު ބޭއްވި މައުލޫމާތު ސެޝަނުގައި ވާހަކަދައްކަވަމުން ޑރ. ޓެޑްރޮސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައި މިލިއަން މީހުންނަށް ކޮވިޑް 19 ޖެހިފައިވާ ކަމަށެވެ. އަދި އެބަލީގައި 20،000 މީހުން މަރުވެފައިވާއިރު އެއްލައްކައަށް ވުރެ ގިނަ މީހުން ބަލި ޖެހުމަށް ފަހު ރަނގަޅުވެފައިވާ ކަމަށެވެ.
ޑރ. ޓެޑްރޮސް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ޑަބްލިޔުއެޗްއޯގެ އެހީތެރިކަން 78 ގައުމަކަށް މިހާރުވެސް ފޮނުވާފައިވާނެ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އިތުރު 60 ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ޑރ. ޓެޑްރޮސް ވިދާޅުވީ، ކޮވިޑް 19އިން އަރައިގަނެވޭނީ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި އެއްވެސް ގައުމަކަށް އެކަނި އެބަލިމަޑުކަމާ ހަނގުރާމަ ނުކުރެވޭނެ ކަމަށެވެ.
"އަހަރެމެން މިއީ އެއް އިންސާނިއްޔަތެއް. އަހަރެމެންގެ ދުޝްމިނަކީ އެކަކު. މި ބަލިމަޑުކަމުން އަރައިގަނެވޭނީ އެއްކޮށް މަސައްކަތްކޮށްގެން. އެއްވެސް ގައުމަކަށް އެކަނި މިބަލިމަނޑުކަމާ ހަނގުރާމަ ނުކުރެވޭނެ." ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.
ކޮވިޑް 19އަަށް އެންމެ އަވަހަށްވެސް ވެކްސިނެއް އުފެއްދުމަށް 12 މަހާއި 18 މަހުގެ މުއްދަތެއް ހޭދަވާނެ ކަމަށާއި ވެކްސިން އުފެއްދުމަށް ހޭދަވާ މުއްދަތުގައިވެސް ކޮވިޑް 19އާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އުފައްދާފައިވާ ބައެއް ބޭސްތައް ކޮވިޑް 19އަށް ދެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް ކޮވިޑް 19އާ ދެކޮޅަށް ދެވޭނެ ބޭސްތަކަކީ ކޮބާކަން އަންގަމުންދާނެ ކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.