އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަން ހާމަކުރައްވައިފިއެވެ.
އެކަން ހާމަކުރީ ދާދީ ދެންމެ އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައެވެ.
ބޮޑުވަޒީރު ބޮރިސް ޓެސްޓުކުރައްވާފައިވަނީ އެގައުމުގެ ޗީފް މެޑިކަލް އޮފިސަރުގެ އެދިލުއްވުމަކަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
ބޮރިސް ވެސް ވަނީ ދާދި ދެންމެ އެބޭފުޅާ ޕޮޒިޓިވްވި ކަން ހާމަކުރައްވާ ވީޑިއޯ ކްލިޕެއް ޓުވީޓުކުރައްވައިފެއެވެ.
އެ ޓުވީޓުގައި ސެލްފް އައިސޮލޭޝަންގައި ހުންނެވި ކަމަށް ބޮރިސް ވިދާޅުވެއެވެ. އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ސަރުކާރު ހިންގަވަމުން ގެންދަވާނެ ކަމަށް ވިދާޅުވެއެވެ.
ބޮރިސް ވިދާޅުވީ އެބޭފުޅާ ޕޮޒިޓިވްވި އިރު ހަށިކޮޅުން ފެނިވަޑައިގަތީ ބަލީގެ ވަރަށް ކުޑަ އަލާމާތްތެއް ކަމަށެވެ.
އިނގިރޭސި ވިލާތުގައި ކޮވިޑް19 އަށް 11658 މީހުން ޕޮޒިޓިވް ވެފައިވާއިރު 578 މީހުން ވަނީ މަރުވެފައެވެ. 135 މީހުން ވަނީ ބަލިން ފަސޭހަވެއެވެ.
މީގެ ދެދުވަސްކުރިން ޕްރިންސް ޗާލްސްވެސް ކޮވިޑް19 އަށް ޕޮޒިޓިވްވިކަން ވަނީ ޝާހީ ގަނޑުވަރުން ހާމަކުރައްވައިފައެވެ.