އަލީ ޔާމިން
ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު ބަލިން ފަސޭހަވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މިއަދު ކޮވިޑް 19އިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހެއް ކަމަށެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުގެ އެގާރަވަނަ ފަންގިފިލާގެ އައިސީޔޫގައި އަޅުގަނޑުމެން ފަރުވާ ދެމުން އައި އިތުރު ބަލި މީހަކު ކޮވިޑް 19އަށް ވަނީ ނެގެޓިވްވެފައި،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއަދު ކޮވިޑް 19އިން ރަނގަޅުވި ބަލި މީހަކީ ސިވިއާ ނިއުމޯނިއާއަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން ބަލިމީހުންގެ ތެރެއިން ރަނގަޅުވި ތިންވަނަ މީހާ ކަމަށެވެ.
މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓްވި 13 މީހުންގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވިޔަސް މިއީ ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ނިންމަންވީ ވަގުތު ނޫން ކަމަށާއި ރާއްޖޭގެ ހާލަތު ގޯސްވެދާނެ ކަމަށްވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވީ 13 ބިދޭސީންނެވެ. އޭގެ ތެރެއިން ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ބަލި މީހަކަށެވެ. މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.