އިބްރާހިމް ޒަކީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކޮރޯނާވައިރަހަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ މީހާއާބެހޭ މައުލޫމާތު މިރޭ ލިބޭނެ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ޔޫއޭއީން ކޮވިޑް 19 އަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރިއެވެ.
ރާއްޖޭގައި ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާގުޅޭ މައުލޫމާތު ރާއްޖެއަށް ލިބިފައިނުވާ މައްސަލައިގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ އެކަމާގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިނސްޓްރީއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެގައުމުގެ ހެލްތު މިނިސްޓްރީން އެގޮތަށް ހާމަކުރި ނަމަވެސް އެކަމާގުޅޭގޮތުން ސާފު މައުލޫމާތެއް ދެވޭނީ ޔޫއޭއީ ސަރުކާރުގެ ރަސްމީ ލިޔުމެއް ލިބިގެން ކަމަށާއި އެލިޔުން މިއަދު ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާބެހޭ ފުރިހަމަ މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެގައުމުން މިދިޔަ އަންގާރަ ދުވަހު ފެނުނު ކޮވިޑް 19ގެ 50 ކޭހަކީ ވެސް މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކުލޯސް ކޮންޓެކްޓެއް ވެފައިވާ މީހުންނާއި އެގައުމުން ބޭރުން އައިސްފައިވާ މީހުން ކަމަށެވެ.